މިދިޔަ މަހު ޕެންޝަންގެ ގޮތުގައި ޖުމްލަ 173.36 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު މައިގަނޑު ދެ ބަޔަކަށް އެކުލެވިގެންވާއިރު، އެއީ ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އާއި، ދައުލަތުން ޚަރަދުކޮށްގެން ދޭ އަސާސީ ޕެންޝަނެވެ.
މީގެއިތުރުން، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ ޢިނާޔަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ބެނެފިޓްތައް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަނީ އެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.
ދޮށީ ޢުމުރުގެ ރައްޔިތުންނަށް އެކަށީގެންވާ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދީ، ފަޤީރުކަމުން ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ފޯރުކޮށްދޭ އަސާސީ ޕެންޝަންގެ ގޮތުގައި އޮގަސްޓް މަހު 27,196 ފަރާތަކަށް 127.91 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރުގެ މުއްދަތަށް ޚިދުމަތްކޮށްފައިވާ 2,216 ފަރާތަކަށް ދިގުމުއްދަތުގެ ޚިދުމަތުގެ ޕެންޝަންގެ ގޮތުގައި 4.33 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކާއި ޔުނިފޯމް އެޅި ޚިދުމަތްތަކުން ވަކިވެފައިވާ ޝަރުޠުހަމަވާ 4,861 މުވައްޒަފަކަށް ދައުލަތުގެ އެހެނިހެން ޕެންޝަންގެ ގޮތުގައި 26.73 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން ޖަމާކުރާ ކޮންޓްރިބިއުޝަންގެ މައްޗަށް ބިނާވެފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން 2,749 ފަރާތަކަށް މަހަކު ގާތްގަނޑަކަށް 14.39 މިލިޔަން ރުފިޔާ ދޫކުރެވެމުންދެއެވެ.
ދިވެހިރާއްޖޭގެ އާބާދީގައި ދޮށީ އުމުރުގެ މީހުންގެ ނިސްބަތް އިތުރުވަމުން އަންނައިރު، މަސައްކަތުގެ މައިދާނުގައި އުޅޭ ދުވަސްވަރު އެކަށީގެންވާ މިންވަރަކަށް ރިޓަޔަރމަންޓް ފައިސާ ރައްކާކުރުމަކީ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުޅި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށް ޕެންޝަން އޮފީހުން ފާހަގަކުރެއެވެ.
މިހާރު ޕެންޝަން އޮފީހުން 107,000 އަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފަންޑު ބަލަހައްޓަމުންދާއިރު، އެ ފަންޑުގެ ސާފު އަގު ނުވަތަ ނެޓް އެސެޓް ވެލިއު 27.94 ބިލިޔަން ދިވެހި ރުފިޔާއަށް އަރައެވެ.



