ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަކާ ދަރިވަރުންނަށް ބޭނުންވާ ކަންކަން ފަހިކުރުމުގައި ސަރުކާރުން ފަހަކަށް ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ.
ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ “ކޫލް ސްކޫލް” ޕްރޮގްރާމް، ކ. މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ވަނީ އިފުތިތާހުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް، އެންމެ މުހިއްމު އެއްކަމަކީ ގައުމު ބިނާ ކުރުން ކަމަށެވެ.
އަދި ދިވެހިންގެ ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރެއްވުން ކަމަށާ ތައުލީމަށް ފަރުވާކުޑަ ކޮށްގެން އެކަން ހާސިލު ނުކުރެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓަކީ އަޅުގަނޑުމެންނަށް ހިންގޭނެ ޕްރޮޖެކްޓެއް. އެބުނާފަދަ މާ ބޮޑު ވޭރިއޭޝަނެއް އެ ޕްރޮޖެކްޓަކުން ނާދޭ. އަޅުގަނޑުމެން ބަލާލި ބަލާލުމުން ފާހަގަކުރެވުނީ މިހާރު މި ހޭދަކުރާ މިންވަރަށް ވުރެ ގާތްގަނޑަކަށް 38 އިންސައްތަ ކަމަށް މި ޕްރޮޖެކްޓަށް އިތުރަށް ޚަރަދުވެގެން ދާނީ ކަރަންޓު ބިލަށް ވެސް- މިނިސްޓަރު ޝަފީއު
މިނިސްޓަރު ޝަފީއު ވިދާޅުވީ އެންމެ މަދުވެގެން ވެސް 30 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ލިބޭނެ ގޮތް ފަރުމާ ކުރުމަށް ރައީސް އެންގެވީ އެހެންވެ ކަމަށެވެ.
އޭރުން ދެމެހެއްޓެނިވި ގޮތަކަށް މި ޕްރޮޖެކްޓު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހޫނު ގަދަ ކްލާސްތައް އޭސީ ކުރުމަށް ރައީސް އެންގެވީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހދ. މަކުނުދޫއަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެއަށްފަހު ސަރުކާރުގެ ހުރިހާ ސްކޫލުތަކުގެ ކްލާސް ރޫމްތަކުގައި “ކޮމިއުނިޓީގެ އެހީތެރިކަމާއެކު” އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުގައެވެ.
ކޫލް ސްކޫލް’ ޕްރޮގްރާމްގެ ދަށުން ސަރުކާރު ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ވަނީ ނިންމާފައެވެ.
މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.




