ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރައްޔިތުން އެދޭ ފަދަ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ ޤާބިލު މުއައްސަސާއަކަށް އެ ޚިދުމަތް ބަދަލުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި މިނިސްޓަރު ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިއްޔާ ހުރިހާ ފުލުހުންނަށާއި، ކުރީގެ ޚިދުމަތްތެރިންގެ އިތުރުން ފުލުހުންގެ ޢާއިލާތަކަށް އަރިސްކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުން އަސްކަރީ ޚިދުމަތަކުން މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރު ވެގެންދިޔައިރު ވެސް، އެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ މިންވަރަށް ޤާއިމުކުރެވިފައި ނުވާ ކަމަށެވެ.
މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގައި ޚިދުމަތް ދެމުން އައީ އެންމެ 17 ރަށުގައިކަން ފާހަގަކުރައްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވަނީ މި ދައުރުގެ ތެރޭގައި ކަމަށެވެ. އަދި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ތަރައްޤީވެފައި ނެތުމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ފެންވަރުގައި ޚިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރުމާއި، ޚާއްސަ ދާއިރާތަކުން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
އަދި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެވިފައިވާތީ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭ އެންމެ މަތީ ފެންވަރަށް ބައްޓަންވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


