ރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި، އެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި އީ-ސްޕޯޓްސް ދާއިރާގެ ޒުވާނަކު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި ޒުވާނާ ވަނީ ޤައުމީ ސްޕޯޓްސް އެވޯޑުގައި އީ-ސްޕޯޓްސް ހިމަނާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރެވޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައެވެ.
އެ ޒުވާނާގެ ވާހަކަތަކަށް ތާއީދުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އީ-ސްޕޯޓްސްއަކީ ގިނަ އަދަދެއްގެ ޒުވާނުން ޝާމިލުވާ މުހިންމު ދާއިރާއަކަށް ވުމުން، އެ ދާއިރާއަށް ސަމާލުކަންދީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރެއްވި ފަދައިން، އީ-ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއްގެ އިތުރުން ކުޑަކުދިންގެ އެކްޓިވިޓީސް ކޮމްޕްލެކްސްއެއް މާލޭގައި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ޒުވާނާ ވަނީ، މި ސަރުކާރަކީ ޒުވާނުންގެ އަޑު އަހައި، ކަންބޮޑުވުންތައް ސީދާ ރައީސަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ގާތް ސަރުކާރެއްކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.



