ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން އެފަދަ މަސައްކަތްތައް ކުރިއަށްގެންދާ ސައިޓުތަކަށް ސްކޫލު ދަރިވަރުން ޒިޔާރަތްކޮށް، މަޢުލޫމާތު ހޯދުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިސްނައިގެން ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރާއްޖޭގެ 164 ރަށެއްގެ ސްކޫލުތަކުން ވަނީ ބައިވެރިވެފައެވެ.
ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހެވެ. މިއީ މި ދުވަސް ފާހަގަކުރަން ފެށިތާ ދެވަނަ އަހަރު ކަމަށްވާއިރު، މިއަހަރު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ މާލެއާއި ހުރިހާ އަތޮޅެއް ހިމެނޭހެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ސީއެޗްއެސްސީ އަދި މާލޭ ވޮކޭޝަނަލް ހައި ސްކޫލުގެ 45 ދަރިވަރަކަށް ވަނީ ތިލަމާލެ ބުރިޖުގެ މަސައްކަތު ސައިޓުތައް ދައްކާލައި، މި ބޮޑު އިންޖިނިއަރިން މަޝްރޫޢާ ގުޅޭ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދީފައެވެ. މީގެއިތުރުން މާލެއާއި އަތޮޅުތަކުގެ އެކިއެކި ސްކޫލުތަކުގެ ދަރިވަރުން ވަނީ ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީގެ ސައިޓުތަކަށް ޒިޔާރަތްކޮށް، ޔުޓިލިޓީ ކުންފުނިތަކުގެ އޮޕަރޭޝަންތަކާއި އިންޖިނިއަރިން ދާއިރާގެ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު ހޯދާފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވި މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ތަރައްޤީއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާތަކުން ދިވެހިން ބިނާކުރުމަށް ބާރުއެޅުމެވެ.
މި އަހަރުގެ އިންޖިނިއަރިން ދުވަހާ ގުޅުވައިގެން އިންޖިނޭރުންނަށް ޚާއްސަ އެވޯޑެއް އަލަށް ތަޢާރަފުކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، މީޑިއާތައް މެދުވެރިކޮށް އިންޖިނޭރުންގެ ވާހަކަތައްވެސް ވަނީ ގެނެސްދީފައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ތިލަމާލެ ބުރިޖުގެ ހިނގާލުމެއް ބާއްވައި، އިންޖިނިއަރުންނާއެކު ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

އަދި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދިރާސާތައް ކުރުމަށާއި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް މަގުފަހިކުރުމަށް ސްޓޭޓް އޮފް ދި އަރޓް އިންޖިނިއަރިން ލެބެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.



