ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ދައުލަތުގެ ބޭސް ކުންފުނީގައި ޤާއިމުކޮށްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
އެކުންފުނިން މިހާރު ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޭހުގެ ކަންކަން ކުރިއަށްގެންދިޔުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ނުވަތަ ސްޓޮކް ނޭނގުންކަމަށް އެކުންފުނިން މިދިޔަ އަހަރު ވަނީ ފާހަގަކޮށްފައެވެ. ކުންފުންޏަށް އަހަރެއްވުމާ ގާތްވެފައިވާއިރު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ މި މައްސަލަ ހައްލުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ދަށުން ހުރިހާ ރަށެއްގައި ހުރި ބޭސް ފިހާރަތަކުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް މިހާރު ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް ބޭހުގެ ސްޓޮކް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑރ. ޝާހު ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމަށް ސްޓޮކް ދެނެގަނެ، ކުންފުނިތަކާއި ގުޅިގެން ބޭސް އެތެރެކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް 3 ކުންފުންޏަކާއެކު ބޭސް އެތެރެކުރުމުގެ އެއްބަސްވުން ޤާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކުވެސް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
މީގެއިތުރުން ބޭސް ރައްކާކުރާނެ ސްޓޯރޭޖްތަކާއި ހޮސްޕިޓަލުތަކުގައި ފާމަސީތައް ޤާއިމުކުރުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، މިހާރު ދިމާވެފައިވާ މައްސަލައަށް އަންނަ އަހަރުގެ މެދުތެރޭގައި އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އަންދާޒާކުރެވެއެވެ.
ބޭސް ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، ބޭސް ސިޓީއެއްގައިވާ ބޭހެއް އެ ފާމަސީއެއްގައި ނެތްނަމަ އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއް ބަލިމީހުންނާ ހިއްސާކުރާނެއެވެ. އަދި ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ، ބޭސް ސިޓީއަށް ވީއެންމެ އަވަހަކަށް އޯޑަރު ޖެހުމުގެ ކަންކަން އެ ފާމަސީއަކުން ހަމަޖައްސައިދޭނެއެވެ.
ބޭހާ ގުޅޭގޮތުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ގުޅޭނެހެން 24 ގަޑިއިރު ޚިދުމަތްދޭ 1505 ހޮޓްލައިނެއްވެސް އެކުންފުނިން ވަނީ ޤާއިމުކޮށްފައެވެ.



