ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާއަށްފަހު، ”ޕޮލިސް ލައިފް – ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހާސަ އަދަދު“ މިއަދު ނެރެފިއެވެ.
މި މަޖައްލާ ނެރުމުގެ ގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ މި ޖަލްސާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް މި އަދަދުގެ ކޮޕީއެއް އަރުވާފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ޝާއިއުކުރި މި ހާއްސަ އަދަދުގައި ފުލުހުންގެ މަސައްކަތްތަކާއި، އާންމު ރައްކާތެރިކަމާއި، މުއައްސަސާގެ ކުރިއެރުމާއި ތަރައްގީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީހުގެ މައްޗަށް އަލިއަޅުވާލާފައިވާ މައުލޫމާތު ހިމަނާފައިވެއެވެ. މީގެއިތުރުން، މަގުމަތީގެ ރައްކާތެރިކަމާއި، ރާއްޖޭގެ ޑިޖިޓަލް ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ހާއްސަ ލިޔުންތައްވެސް މި އަދަދުގައި ހިމެނެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގގައެވެ. މި ޖަލްސާގައި ދިގު މުއްދަތަކަށް ފުލުހުންގެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ ފުލުހުންނާއި އާންމު މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށްފައިވެއެވެ.
އެގޮތުން 20، 25، 30 އަދި 35 އަހަރު ފުލުހުންގެ ޚިދުމަތުގައި ހޭދަކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.



