ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމަށް، ފްލެޓްތަކުގެ ރެއިލިން މަރާމާތުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި ފުރުސަތުގައި 500އެއްހާ ޔުނިޓުން މިހާތަނަށް ރިކުއެސްޓްކޮށްފަވާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެދު އިމާރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އެ ކޯޕަރޭޝަނުން ފަށައި، މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ޔުނިޓްތަކުން އެދުމަށް ހުޅުވާލީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
އެގޮތުން މި މަހުގެ 30ވަނަ ދުވަހު، 12:00ގެ ކުރިން އެންގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އެޗްޑީސީއިން ބުނީ ރިކުއެސްޓްތަކަށް ބަލާ، ފްލެޓްތަކުގެ އިންސްޕެޝަންގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ގޭގެއަށް ގޮސް، ހާލަތު ބަލާ، މަޢުލުމާތު އޮޅުންފިލުމުގެ މަސައްކަތްތައް މި އިންސްޕެކްޝަން ވިސިޓްތަކުގެ ތެރެއިން ދަނީ ކުރިއަށްގެންދަމުންނެވެ.
މިހާތަނަށް 500 އެއްހާ ރިކުއެސްޓް ލިބިފަވާއިރު، ވީހާވެސް އަވަހަށް އެގެތަކަށް ޒިޔާރަތްކޮށް ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީން ބަލަމުންދަނީ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންއާއި ކުޑަދޮރުތަކުގައި ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅުތަކަށެވެ. އެގޮތުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ އިތުރުން، ބެލްކަނި އުސްކުރުމާއި ކުޑަދޮރުގައި ގްރިލް ޖެހުމަށް އެހީތެރިކަން އެޗްޑީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިއުން ހިމެނެއެވެ.
ނަމަވެސް މިފަދަ ބޮޑެތި ބަދަލުތައް ގެންނާނީ، އެފަދަ ގެތަށް ވަރަށް ރަނގަޅަށް ދެނެގަތުމަށް ފަހުގައެވެ. އެގޮތުން ނުކުޅެދުންތެރިކަމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިންނާއި ނަފްސާނީ ބަލިތަކުގެ މީހުންގެ ގޭގެއަށް އިސްކަންދީގެންނެވެ.



