މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، މައްސަލަތައް އަވަސްކުރުމަށްޓަކައި ޤާނޫނުތަކަށް އިސްލާޙު ގެންނަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ހުޅުވުމާއެކު، ކޯޓުތަކާއި ބެހޭ ޤާނޫނަށް ބައެއް އިސްލާޙުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށެވެ.
އަދި މަދަނީ މައްސަލަތަކުގެ މަރުހަލާ ފަސޭހަކޮށް އަވަސްކުރުމަށް މަދަނީ އިޖުރާޢަތުގެ ޤާނޫނަށް ވެސް އިސްލާޙު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަދަނީ ކުދިކުދި މައްސަލަތައް ފަސޭހައިން ކޯޓަށް ހުށަހެޅޭ ގޮތަށް، އަވަހަށް މައްސަލަތައް ހައްލުކުރުމަށް ކޯޓެއް ޤާއިމްކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެ ކަމަށެވެ. އަދި ވިޔަފާރިތަކާއި ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށް ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ޤާއިމްކުރުމަށް ނުވަތަ ވަކި ކޯޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
”ސްމޯލްސްޕްލެއިން ކޯޓެއް ޤާއިމްކުރުން މިއީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެކަމެއް. އޭރުން ކުދިކުދި މައްސަލަތައް މިސާލަކަށް 1 ލައްކައަށް ވުރެ ކުދި މައްސަލަތައް އަވަހަށް ހުށަހެޅި އަވަަހަށް ނިންމާލެވޭނެ. އަވަހަށް މައްސަލަތައް ހުށަހެޅި ނިންމޭ ގޮތަށް ކުދިކުދި ވިޔަފާރިތަކަށްވެސް ފަސޭހަވާނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދައުލަތުގެ ނިޒާމް ޚަރަދު ކުޑަ ނިޒާމަކަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށާއި، ޝަރުޢީ ނިޒާމު މިނިވަންކުރުމަށާއި ހަރުދަނާކުރުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޝަރުޢީ ދާއިރާގެ ބަޖެޓް ވަކިކޮށްދީ، ބަޖެޓް ބޮޑުކޮށްދިނުމުގެ އިތުރުން ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި، ހިންގުން ހުއްޓިފައި އޮތް ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓަށް ޚާއްސަ އިމާރާތެއް ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވިއެވެ.
”މިނިވަންކޮށްދިނުމަށް ވަރަށް ގިނަ ކަންތައްތައް އެބަ ކުރެވޭ. ނުފޫޒެއް ނުހިނގާ. އެއްވެސް ކޭސް އެއް ވަކިގޮތަކަށް ނިންމާކަށް ނުބުނޭ. މިނިވަންކުރުމުގެ ސިޔާސަތުގެ ދަށުން ވަރަށް ގިނަ ކަންކަން ކުރެވޭ. އެއާއެކީގަ އާއްމު ރައްޔިތުންނާ ގުޅުން ހުރި މައްސަލަތައް ބެލުން އަވަސްކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރާނަން،“ ރައީސް ވިދާޅުވިއެވެ.



