އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާ، ޢަމަލާއި ބަހުންވެސް އެކަން ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިފަދައިން އިލްތިމާސްކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ އަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިމޭރުމުން ރައީސް، ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އާދަކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ފެށުމާ ގުޅުން ހުރި ކަންކަން، އާދީއްތަދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަޝްރޫޢު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކަންމިހެން އޮތްނަމަވެސް، މަޝްރޫޢު ފެށުމަށް ތައްޔާރީތައް ވަމުން ދިޔައިރު، ސަރުކާރުން ދިން ދަޢުވަތު ޤަބޫލުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ހިތާމަފުޅުކުރައްވާ ކަމެއްކަމަށާ، ޤައުމަށް ފައިދާ ކުރަނިވި ކަމެއްގައި ކޮންމެ ބަޔަކުވެސް އެކައްޗެއް ކިޔަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު މިމަޝްރޫޢު ކާމިޔާބުކޮށްދެއްވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ.
މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.



