ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަހުގެ 07 އިން 10 ގެ ނިޔަލަށް ބާއްވާ މި މުހިންމު ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީއެވެ.
މި ސަރަޙައްދުގެ 10 ޤައުމެއްގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރާގެ އިސްވެރިން އަދި ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމަކީ، ސަރަޙައްދީ ފެންވަރުގައި ރައްޔިތުންގެ ޞިއްޙަތާ ގުޅުންހުރި މުހިންމު ސިޔާސަތުތައް ކަނޑައަޅައި، ނިންމުންތައް ނިންމާ އެންމެ އިސް ’ގަވަރނަންސް‘ ބައްދަލުވުމެވެ.
މި އަހަރުގެ ބައްދަލުވުމުގެ ތެރެއިން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ ފެންވަރު މަތިކުރުމަށާއި ޚާއްސަ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށްޓަކައި، އިސްވެރިންގެ ޚާއްސަ ވަށްމޭޒު މަޝްވަރާއެއް މި މަހުގެ 08 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޤްޞަދުގައި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި ”ޑިލީ ޑެކްލަރޭޝަން އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއަރ“ ގެ ނަމުގައި ޚާއްސަ ޤަރާރެއް ފާސްކުރާނެއެވެ.
މީގެއިތުރުން، މި ސަރަޙައްދުގެ ޞިއްޙީ މުހިންމު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސަލް ހެލްތު ކަވަރޭޖާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، ޓީ.ބީ، މެޑިކަލް ޑިވައިސް އަދި އިންވިޓްރޯ ޑައިގްނޮސްޓިކްސްއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. ހަމައެއާއެކު ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސްގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރއާ ގުޅޭގޮތުންނާއި، ކުރިޔަށް އޮތް ވޯލްޑް ހެލްތު އެސެމްބްލީ އަދި އެގްޒެކެޓިވް ބޯޑު ބައްދަލުވުންތަކުގައި ސަރަޙައްދުގެ ޤައުމުތަކުން ހުށަހަޅާނެ ކަންކަން ކަނޑައެޅުންވެސް ކުރިއަށްދާނެއެވެ.
މި ބައްދަލުވުމުގެ ޚާއްސަ ސެޝަނެއްގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. އެގޮތުން އެ މަޤާމަށް ރާއްޖެއިން ކެނޑިޑޭޓެއް ހުށަހެޅުމާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެއެވެ.
ބައްދަލުވުމުގެ ހަވާސާގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކި ޤައުމުތަކާއެކު ދޭދޭ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އަދި އެހެނިހެން އެހީތެރިކަން ހޯދުމުގެ މައްޗަށެވެ.


