ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދާން ކުރާ ދަތުރުގެ އަގު، ބޮޑުވެގެން 50،000 އަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ޙައްޖު ދަތުރުތަކުގެ އަގު ކުޑަކުރުމަށްކަމަށެވެ.
އެގޮތުން، މިހާރު 69,965 ރުފިޔާއަށް ޙައްޖު ދަތުރު ކޮށްދިންނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑުވެގެން 50،000 ރުފިޔާއަށް ދަތުރުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަން އޭނާ ހާމަ ކުރެއްވިއެވެ.
ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ތަސައްވުރެކެވެ.
އެކަމަށް އަލިއަޅުވާލައްވަމުން ޝަކީލް ވިދާޅުވީ ލަސްތަކެއް ނުވެ ޙައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެއާއެކު ރައީސްގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ބޮޑުވެފައިވަނިކޮށް އެކަން ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޫކުރުމަށް ނިންމާފައެވެ.
ރާއްޖެއަށް މި އަހަރަށް ލިބުނު 1،000 ކޯޓާގެ ތެރެއިން ބައެއް މީހުން ވަނީ ފުރައިފައެވެ. މި ހަފުތާ ތެރޭގައި ބާކީ ތިބި މީހުން ހައްޖުގެ އަޅުކަމަށް މައްކާއަށް ފުރާނެއެވެ.



