އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އަލުން ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފިއެވެ.
ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ނޫސް މަޖައްލާފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އައު ގަވާއިދާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ކުރިން ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ބަލަހައްޓަމުން އައި ނޫސް މަޖައްލާތަކުގެ ދަފްތަރާއި ރަޖިސްޓްރީކުރުމުގެ އެންމެހައި މަސްއޫލިއްޔަތުތައް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނުގެ ދަށުން މިހާރު ވަނީ އެ ކޮމިޝަނާ ހަވާލުކުރެވިފައެވެ. އެއާއެކު، ރާއްޖޭގައި ނޫސް މަޖައްލާ ހިންގުމާއި ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ އައު ޤަވާއިދެއް ވަނީ ޝާއިއުކޮށް އަމަލުކުރަން ފަށާފައެވެ.
އައު ގަވާއިދުގައި ނޫސް މަޖައްލާތައް ވަނީ ނޫސް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް ހިމެނޭހެން 4 ގިންތިއަކަށް ބަހާލާފައެވެ. މި ވަސީލަތްތައް ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ހިންގިދާނެއެވެ.
މީގެ އިތުރުން، މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކުންވެސް، ގަވާއިދަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީވެ ރެކޯޑުތައް އަދާހަމަކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މި މުއްދަތު އަންނަ މަހުގެ 27 އަށް ހަމަވާތީ، މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރީވުމުގެ މަސައްކަތް ނިންމުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ރީ-ރަޖިސްޓްރީ ނުކުރާ ތަންތަނުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށްވެސް ކޮމިޝަނުން ވަނީ ބަޔާންކޮށްފައެވެ.
މި ޤަވާއިދުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް، ވަކި ތަނެއްގެ މަޢުލޫމާތު ނުވަތަ މުވައްޒަފުންނަށް ޚާއްސަކޮށް ނެރޭ ކުދި މަޖައްލާތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ.
މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްދެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށްވާއިރު، މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އައުކުރަން ހުށަހަޅަންޖެހެއެވެ. އަދި ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަސް ވެއްޖެނަމަ އެތަނެއްގެ ރަޖިސްޓްރީ އުވިގެންދާނެއެވެ.




