މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2025 ވަނަ އަހަރު ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު، ސާފު ފައިދާ 115 އިންސައްތައިން އިތުރުވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު މާލީ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު އެމްޕީއެލްއަށް އާމްދަނީގެ ގޮތުގައި 949.93 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ 2024 ވަނަ އަހަރު ލިބުނު 860.55 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުދާ ބޭލުމާއި ބަރާކުރުމުގެ ހިދުމަތްތަކުގެ އިތުރުން، އުޅަނދުފަހަރުގެ ޕައިލަޓޭޖުން ލިބުނު އާމްދަނީ އިތުރުވުމެވެ.
އާމްދަނީ އިތުރުވުމުގެ އިތުރުން، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ވަރަށް ބޮޑަށް ވަނީ ދަށްކޮށްފައެވެ. އެގޮތުން މުވައްޒަފުންނަށް ކުރި ހަރަދު 675.8 މިލިއަން ރުފިޔާއިން 645.8 މިލިއަން ރުފިޔާއަށް ކުޑަކުރެވުނެވެ. މި ބަދަލާއެކު ހިންގުމުގެ ހުރިހާ ހަރަދެއް އުނިކުރުމަށްފަހު ލިބުނު އާމްދަނީ ވަނީ 2024 ގެ 20.08 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 74.7 މިލިއަން ރުފިޔާއަށް އަރައި، 273 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 27.8 މިލިއަން ރުފިޔާ ލިބުނުއިރު، 2025 ގައި އެ އަދަދު ވަނީ 59.9 މިލިއަން ރުފިޔާއަށް އުފުލިފައެވެ. އަދި އާމްދަނީން ފައިދާގެ ގޮތުގައި ހިފެހެއްޓުނު ނިސްބަތް 3.2 އިންސައްތައިން 6.3 އިންސައްތައަށް މަތިވިއެވެ. މީގެއިތުރުން، ފައިދާ އިތުރުވުމާ ގުޅިގެން ދައުލަތަށް ދެއްކި ޓެކުހުގެ މިންވަރު ވެސް 14.4 މިލިއަން ރުފިޔާއިން 17.2 މިލިއަން ރުފިޔާއަށް، ނުވަތަ 19.2 އިންސައްތައިން ވަނީ އިތުރުވެފައެވެ.
ސަރުކާރުން މިހާރު ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްރާފުތައް ހުއްޓުވައި، ދޭ ހިދުމަތްތަކާ އެކަށޭނަ މިންވަރަށް މުވައްޒަފުންގެ އަދަދު ހަމަޖައްސައި، އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.



