ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުގެ އާންމު ރައްޔިތުންނާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އަބްހާ، ޚަމީސް މުޝައިތު، ޖީޒާން އަދި ނަޖްރާންގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މުހިންމު މަރުކަޒުތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސައުދީ އަރަބިއްޔާގެ އިސްތިގްލާލާއި ސަރަހައްދީ ނިންމުންތަކަށް އަރައިގަތުމުގެ ގޮތުން ދީފައިވާ ވަރަށް ނުރައްކާތެރި ހަމަލާތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ރާއްޖެއިން ދެކޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން، މި ދަނޑިވަޅުގައި ސައުދީ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
އަދި ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ވެސް ސަރުކާރުން ވަނީ ތަކުރާރުކޮށްފަ އެވެ.



