މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ސްޕާ އަދި ސެލޫންތަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންގެ ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ހުޅުމާލޭގެ އަށް ސްޕާ އަދި ސެލޫން ބަލައި ފާސްކޮށްފައިވެއެވެ.
އަދި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 26 މީހެއްގެ މައުލޫމާތު ސާފުކޮށް، ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި ޗެކްކުރި މީހުންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު ހަތް ބިދޭސީއަކު މިހާރު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ހިންގި ގިނަ ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
އަދި މިފަދަ މައްސަލަތަކުގައި ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އަނބުރާ އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.


