އދ. އޮމަދޫގައި ގާއިމުކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ، އޮމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދެވި މަޝްރޫޢެކެވެ. މި ސެންޓަރުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމްއެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މީގެ އިތުރުންވެސް، ރަށްރަށަށް ބޭނުންވާ ކުޅިވަރުގެ ތަފާތު ވަސީލަތްތައް، އޭގެ ތެރޭގައި ކުޅިވަރު ދަނޑުތަކާއި ކޯޓުތައް އަދި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސްވިމިންގ ޓްރެކްތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.



