ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މީހުންނަށް އެހީގެ ގޮތުގައި މިދިޔަ މަހު 17.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ތެރެއިން 3،357 މީހަކަށާއި 5،206 ކުޑަކުދިންނަށް ވަނީ އެހީ ދީފައެވެ. އެއީ ޖުމްލަ 17،469،000 (ސަތާރަ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް) ރުފިޔާއެވެ.
އަދި އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އެދި އަލަށް 87 މީހުންނާއި 179 ކުޑަކުދިންނަށް އެހީ ހޯދުމަށް މިދިޔަ މަހު ވަނީ ރަޖިސްޓްރީކޮށްފައެވެ.
މީގެއިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ 137 ކުދިންނަށާއި 101 ބެލެނިވެރިންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 187،500 ރުފިޔާ ދޫކޮށްފައިވެއެވެ. މި އެހީއަށް އަލަށް 4 ބެލެނިވެރިޔަކު އެދިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަޤީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީގެ ގޮތުގައި 26،200 ރުފިޔާ ދީފައިވެއެވެ. ހަމައެއާއެކު، ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 535 ފަރާތަކަށް ޖުމްލަ 1،070،000 ރުފިޔާ ދޫކޮށްފައިވާއިރު، އަލަށް 4 ފަރާތަކަށް ތެލެސީމިއާ އެލަވަންސް ވަނީ ހަމަޖައްސައިދީފައެވެ.
އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެންސްޕާއިން އަންނަނީ ތަފާތު އެކި ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ހިންގަމުންނެވެ.



