އޮޔާދިޔަ ދެ ބޯޓު ސިނަމާލޭ ބުރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާއި ގުޅިގެން، ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އިންސްޕެކްޝަނެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބުރިޖުގެ ތަނބުގައި ޖެހިފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ޒާތުގެ ދެ ދަގަނޑު ބޯޓެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުތައް އޮޔާގޮސްފައިވަނީ މޫސުން ގޯސްވެ، ނަގިލި ކަހާލައިގެންނެވެ. މާލޭގެ އިރުމަތިން އޮޔާދިޔަ މި ދެ ބޯޓު ގޮސް ޖެހިފައިވަނީ ސިނަމާލެ ބުރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައެވެ.
މި ހާދިސާއާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރެއިން ފެށިގެން އެ ސަރަޙައްދުގައި ބުރިޖުގެ އިންސްޕެކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ހަދާ އެސެސްމަންޓްތައް އެއްކޮށް ނިމުމުން، އޭގެ ތަފްޞީލީ މަޢުލޫމާތު ޢާންމުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސިނާމާލެ ބުރިޖަކީ 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނިން ތަރައްޤީކޮށް، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅުވި ބުރިޖެކެވެ. މޫދަށް 7 ތަނބު ޖަހައިގެން ހަދާފައިވާ 1.4 ކިލޯމީޓަރުގެ މި ބުރިޖުގެ މެއިންޓަނަންސް މަސައްކަތްތައް އަދިވެސް ކުރިއަށްގެންދަނީ އެ ކުންފުނީގެ އެހީތެރިކަމާއެކުގައެވެ.
މި ހާދިސާއާއި ގުޅިގެން ކުރިއަށްދާ އިންސްޕެކްޝަން މަސައްކަތްތައްވެސް ކުރިއަށްދަނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމުގެ އެހީތެރިކަމާއެކުގައެވެ.



