ދިވެހިރާއްޖެ އަދި ބެލަރޫސްގެ ދެމެދުގައި ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ޑްރާފްޓް، ބެލަރޫސްގެ ރައީސް އަލެކްސަންޑާ ލުކަޝެންކޯ ރަސްމީކޮށް ފާސްކުރައްވައިފިއެވެ.
ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ނެރުއްވި ގަރާރާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަށާއި ދިވެހި ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ފުރިހަމަ ބާރު އެ ޤައުމުގެ ޚާރިޖީ ވުޒާރާއަށް މިހާރު ވަނީ ދެއްވާފައެވެ.
އަދި މި ޑްރާފްޓަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި ކުރިއަށްދާނެ ރަސްމީ ވާހަކަތަކުގެ މައިގަނޑު އަސާސް ކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.
މި އެއްބަސްވުން ތަންފީޒުވާން ފެށުމުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެވުމާއި، ފުރުމާއި އަދި ޓްރާންސިޓް ކުރުމުގެ ފުރުސަތު ހުޅވިގެންދާނެއެވެ. މި އުސޫލުގެ ދަށުން ކޮންމެ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެ ކަމަށާއި، އަހަރެއްގެ ތެރޭގައި ވިސާއާ ނުލައި ޖުމްލަ 90 ދުވަހު ހުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާއެކު ވަނީ ތާރީޚީ ފުރަތަމަ ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ޞިއްޙަތާއި، ތަޢުލީމީ ދާއިރާގެ އިތުރުން ކާބޯތަކެއްޗާއި މެޝިނަރީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެއިތުރުން ދެ ޤައުމުގެ އިޤުތިސާދީ ގުޅުމާއި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.
ބެލަރޫސްއަކީ ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ހޯދުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދިރިއުޅެމުންދާ ޤައުމެކެވެ. އެ ޤައުމުން 2026 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕުގެ 38 ޤައުމަކަށް ވިސާގެ ލުއި ދިނުމާއެކު ދުނިޔޭގެ އެކި ޤައުމުތަކާ ގުޅުން ބަދަހިކުރަމުންދާއިރު، ރާއްޖެއާއެކު މި ވެވޭ އެއްބަސްވުމަކީ ދެ ޤައުމުގެ ސިޔާސީ އަދި ޚާރިޖީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.



