ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ބިންގާއެޅި ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ”ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ“ މިސްކިތުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި މިސްކިތުގެ ބިންގާ އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި ގާއިމުކުރެވޭ މި މިސްކިތާއި އިސްލާމީ ހަޟާރަތާބެހޭ މަރުކަޒަކީ މީގެ 20 އަހަރުކުރިންވެސް ހުޅުމާލޭގެ ތަސައްވުރުގެ ތެރޭގައި ހިމެނުނު މަސައްކަތެއް ކަމަށެވެ.
އަދި އެންމެ ފުރަތަމަ މި މިސްކިތް ބިނާ ކުރުމަށް ނިންމީ ހުޅުމާލެ ސެންޓްރަލް ޕާކުގެ ސަރަހައްދުގައި ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކަށް އެ މަސައްކަތް ކާމިޔާބު ކުރެވިފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި މިފަދަ މިސްކިތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، މިއަދު މި މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދެއްވި ޚާއްސަ އަހައްމިއްޔަތުގެ ސަބަބުން ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ﷲގެ ތަނަވަސް ރަޙުމަތާއެކުގައި ދެ އަހަރު ދުވަހުގެ ތެރޭގައި، ގިނަވަގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި މިސްކިތުގެ ބައި ނިންމުން. މިސްކިތާއެކުގައި އަދި ވަޤުފް މަޝްރޫއުތަކެއްވެސް އެބަހުރި. އެހެންނަމަވެސް އެކަމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ހުރުމާއެކު އެބައި އަޅުގަނޑުމެން ވަކިން ކުރިއަށްގެންދަނީ. އިރާދަކުރެއްވިއްޔާ މިސްކިތުގެ ބައި އަވަހަށް ފަށައި، އަވަހަށް ނިންމުމަށް އަޅުގަނޑުމެން މިދަނީ އަޒުމާއެކުގައި މަސައްކަތް ކުރަމުން،“ މިނިސްޓަރު ވިދާޅުވިއެވެ“.
މީގެއިތުރުން، މި މިސްކިތާއެކު ގާއިމުކުރެވޭ އިސްލާމީ ހަޟާރަތާބެހޭ މަރުކަޒުގައި ރާއްޖެ އިސްލާމްވި ގޮތާއި، ފާއިތުވި 900 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ހަޟާރަތް ކުރިއަރައިގެން ދިޔަ ގޮތް ދައްކުވައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިއީ ޤައުމީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، މި މަޝްރޫޢަށް އެއްބާރުލުން ދެއްވާ ކަމަށްޓަކައި އެޗްޑީސީ އަދި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.



