ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއްވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި މ.މާކަރީ، އަޙްމަދު މަނިކު (ޖާދޫ އަޙްމަދު މަނިކު)އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިފައިންގޭގައި ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި މަރްޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސް ވަނީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.
މަރްޙޫމް އަޙްމަދު މަނިކަކީ ދިވެހި ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2023 ވަނަ އަހަރު ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.



