މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފިލައިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހުރި 800 އަށްވުރެ ގިނަ މިސްކިތްތައް ބެލެހެއްޓުން މި ކުންފުނީގެ ދަށަށް ބަދަލު ނުކުރާނެ ކަމަށާއި، ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވިޔަފާރި ހިންގުން ކަމަށެވެ.
އަދި ޝަރީޢަތް ހުއްދަކުރާ ދާއިރާގެ ތެރެއިން ވަޤްފްގެ ދާއިރާ ޒަމާނީ ނިޒާމަކުން ބެލެހެއްޓޭނެ ގޮތް ހޯދަންޖެހޭ ކަމަށާއި، މި މަސައްކަތްތަކުން ވަޤްފް އިމާރާތްތައް ހަދާ ރަށްރަށުގެ އިތުރުން މުޅި އަތޮޅުގެ އާބާދީއަށް ވެސް މަންފާ ކުރާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު ވަޤްފް އިމާރާތްތައް ބިނާކުރުމުގެ 6 މަޝްރޫޢެއް ކުރިއަށްދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭގެ ތެރޭގައި ގއ. ވިލިނގިލި، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ކުރިއަށްގެންދާ 10 މިލިއަން ރުފިޔާގެ މަޝްރޫޢުތަކާއި، އައްޑޫގައި ކުރިއަށްގެންދާ 20 މިލިއަން ރުފިޔާގެ މަޝްރޫޢު ހިމެނޭ ކަމަށެވެ. މީގެ އިތުރުން މާލޭގައި ކުރިއަށްގެންދާ 40 މިލިއަން ރުފިޔާގެ މަޝްރޫޢަކާއި ހުޅުމާލޭގައި ފަށާފައިވާ 250 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢު ވެސް ހިމެނެއެވެ. މި ތަންތަނުން ލިބޭ އާމްދަނީ ބޭނުންކުރާނީ މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ދާއިރާގެ ޚިދުމަތްތަކަށެވެ.
”މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ހަމައެކަނި ސަރުކާރުގެ ބަޖެޓަކުން ނުވާނެ. ފައިދާ ހޯދޭނެ ގޮތްތައް ހޯދަންޖެހޭ. އިސްލާމީ ޙަޟާރަތުގެ ބިނާތައް ޙިމާޔަތްކުރަންޖެހޭ. އިސްލާމީ މަރުކަޒުތަކުގައިވެސް ފިހާރައާއި ބުކްޝޮޕްތައް ހެދުންފަދަ ސަޤާފަތް ރާއްޖެއަކު ނެތް. މިއީ އެހެން ޤައުމުތަކުގައިވެސް ކުރާ ކަމެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، މަރާމާތުކޮށް އާބާތުރަ ފިލުވުމާއި، ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ޝަރީޢަތް ހުއްދަކުރާ ދެމެހެއްޓެނިވި ވިޔަފާރީގެ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.



