ރާއްޖޭގައި ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު، ވިދާޅުވީ މިއީ މީގެ ކުރިން ރާއްޖެއަށް ވަދެފައިވާ ރެވެނިއުއެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި އާމްދަނީ މިއަށްވުރެ ވެސް މަތިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
”ސަރުކާރުގެ ތެރެއިން ކުރެވެމުންދަ މަސައްކަތުން އުންމީދު ދަނީ ބޮޑުވަމުން. އެއްވެސް ކަހަލަ ބަނދަރެއް އުތުރުގައިވެސް ނެތި ފެށީ މި މަސައްކަތް. ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެ ޚިދުމަތް ދޭންޖެހޭ. އަމަލީ މަސައްކަތް ފެށެން ގާތްވަމުން ދަނީ،“ މިނިސްޓަރު ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށްޓަކައި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފެށި މަސައްކަތެކެވެ. މިއީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވެ، މަހުން މަހަށް ލިބޭ ޖުމްލަ އާމްދަނީ ވެސް އަންނަނީ އިތުރުވަމުންނެވެ.
މި ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި ލޯ ސަލްފަރ އޮއިލްއެވެ. ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ކުރިއަށްގެންދަނީ މި ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ވިޓޯލް އާއެކުގައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މި މަސައްކަތް އިތުރަށް ހަރުދަނާކޮށް އިޤްތިޞާދީ މަންފާ ފުޅާކުރުމެވެ.



