މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެމުން އަންނަ ޑިޖިޓަލް ބޭންކިންގ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން، ބޮޑެތި އަޕްގްރޭޑްތަކާއެކު އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަން ”ފައިސާ މޮބައިލް އެކްސް 2.0″ ރޯލްއައުޓްކޮށްފިއެވެ.
އެމްއައިބީއިން ބުނިގޮތުގައި މިއީ ކަސްޓަމަރުންނަށް ކުރިއަށްވުރެ ފަސޭހަ، އަވަސް އަދި ރައްކާތެރި ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ގެނެވުނު ބޮޑު އަޕްގްރޭޑެކެވެ. މި އައު އަޕްގްރޭޑާއެކު އެޕްލިކޭޝަންގެ ޔޫޒާ އިންޓަފޭސް ވަނީ ބޭނުންކުރަން މާ ފަސޭހަވާނެހެން މުޅިން އަލުން ފަރުމާކޮށްފައެވެ.
މި އެޕްލިކޭޝަނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި ފައިސާ ފޮނުވުމުގައި އެކައުންޓް ނަންބަރާއި ނަން ސާޗްކޮށްގެން މުއާމަލާތްތައް އަވަހަށް ނިންމާލެވޭ ”ސްމާޓް ސާޗް“ ފީޗާ ހިމެނެއެވެ. މީގެ އިތުރުން، ބޭރު ޤައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ”ފައިސާ ރެމިޓް“ އިންޓަނޭޝަނަލް ރެމިޓެންސްގެ ހިދުމަތްވެސް މިހާރު އެޕަށް އިތުރުކުރެވިފައިވާ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
ކަސްޓަމަރުންގެ މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޕްލިކޭޝަންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާއިރު، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަން ގެނެސްދޭނެ އައު ގިނަ ހިދުމަތްތަކެއްވެސް ކުރިއަށް އޮތް ތަނުގައި މި އެޕް މެދުވެރިކޮށް ތައާރަފުކުރެވިގެންދާނެ ކަމަށް އެމްއައިބީއިން މައުލޫމާތުދެއެވެ.
އެމްއައިބީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އެންމެ އުސްމިނަށް ގެންގޮސްދިނުމަށް ކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.


