ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބުންނާ، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުންތައް ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށެވެ.
މި މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްއަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ގިނަ އަދަދެއްގެ މަންދޫބުން މިހާރު ވަނީ މާލެ އައިސްފައެވެ. އެ ޕާޓީން މިހާރު ކުރިއަށް ގެންދަނީ ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
ކޮންގްރެސްއަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ޕާޓީގެ އެކި ދާއިރާތަކުގެ ހަރަކާތްތައް ކުރިއަށްގެންދާ ސްޓިއަރިން ކޮމެޓީތަކުގެ ރައީސުންނާއެވެ. އެއަށްފަހު ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން، ކޮންގްރެސްއަށް ވަޑައިގެންނެވި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ އިތުރުން، ކޮންގްރެސްއަށް ޚާއްސަ ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ޕާޓީގެ ކޮންގްރެސްއަށް ވަމުންދާ ތައްޔާރީތަކާއި ޕާޓީގެ ހަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ. އަދި ކޮންގްރެސްގެ ތައްޔާރީތަކާއި އެނޫންވެސް ދާއިރާތަކުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުން މި ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށްދިޔައެވެ.
ވެރިކަމުގައި ހުންނަވާ ޕާޓީގެ ލީޑަރަކު ކޮންގްރެސްގެ ކުރިން ޕާޓީގެ އެކި ގުނަވަންތަކުގެ މަންދޫބުންނާ މިގޮތަށް ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރު ކަމަށް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.



