މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެއަރޕޯޓުގައި ބޭއްވި މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަކުގައި ސްކޫލް ކުދިން ވަނީ ޚާއްޞަ ސަޤާފީ ހުށަހެޅުމެއް ހުށަހަޅާފައެވެ.

މި މަހުގެ 14 އިން 15 އަށް ކުރައްވާ މި ދަތުރުފުޅަކީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނު އެއް ނަންބަރު ޖެޓީގައެވެ.

ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. މި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އައު ދާއިރާތަކުން ގުޅުން ފުޅާކުރުމަށް މަޝްވަރާކުރެވޭނެއެވެ. އަދި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާތަކެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވިގެންދާނެއެވެ.

މީގެއިތުރުން، ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.
ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ވެފައިވާއިރު، މި ގުޅުމަކީ ދެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި ވަރަށް ބަދަހިކޮށް އަދި އެކި ދާއިރާތަކުން ތަރައްޤީގެ ބައިވެރިވުމާއެކު ދެމިއޮތް ގާތް ގުޅުމެކެވެ.


