މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމު ރާއްޖެ ވަޑައިގަތީ ހޯމަ ދުވަހުގެ ރޭގަނޑެވެ. އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވުނުއިރު، 21 ބަޑީގެ ސަލާމަކާއި، ސަގާފީ ހުށަހެޅުމަކާއި އަދި ގާޑްއޮފް އޮނަރއެއް ބޮޑު ވަޒީރުގެ ޝަރަފުގައި ވަނީ އަރުވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ. މި މަޝްވަރާތަކުގައި ދެޤައުމުގެ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އަދި ދީނީ އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ބަދަލުކޮށް، ދެ ލީޑަރުން ވަނީ ޖޮއިންޓް ސްޓޭޓްމެންޓެއް ދެއްވާފައެވެ.
މީގެއިތުރުން ބޮޑުވަޒީރުގެ ޝަރަފުގައި ކުރުނބާ ރިސޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މިއީ 2022ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު އަރުވާފައިވަނީ 2025ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.




