ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ބޭރު ފައިސާ މާރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލު ގެނެސް، އެކަންކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މަރުކަޒީ ބޭންކުން ވަނީ އަލަށް ގެނައި ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ ތާވަލަށް އަހުލުވެރިވެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނިންމުމަށް އަންގާފައެވެ.
ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، ކޮންމެ މީލާދީ މަހެއް ނިމުމަށްފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފައިސާ މާރުކުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ސެޕްޓެމްބަރު މަހު ލިބޭ އާމްދަނީ މާރުކުރުމުގެ ސުންގަޑިއަކަށް މީގެކުރިން އޮންނަނީ ޑިސެމްބަރު 28 އެވެ. ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މިހާރު މީލާދީ މަސް ނިމި، އެ މަހަށް ފަހު އަންނަ ފުރަތަމަ މަހުގެ 28 ގެ ކުރިން ފައިސާ މާރުކުރަން ޖެހޭނެއެވެ. މި ބަދަލާއެކު ސެޕްޓެމްބަރު މަހުގެ އާމްދަނީ މާރުކުރަންޖެހޭ އެންމެ ފަހު ތާރީޚަކީ އޮކްޓޯބަރު 28 އެވެ.
މީގެއިތުރުން، ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅޭ މާލީ އިލްތިޒާމުތައް އެމްއެމްއޭއަށް އަންގަންޖެހޭ ގޮތަށް އާންމު ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ. މި އިސްލާހުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ.
މިގޮތަށް ފައިސާ މާރުކުރުމުގައި ބޭރު ފައިސާގެ އިލްތިޒާމުތައް ހަމަޖައްސަންޖެހޭ ޚާއްސަ ހާލަތްތަކުގައި ލުއިތަކެއް ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ލިބިދީފައެވެ.
އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ލުއިދެވޭނެ ހާލަތްތަކުގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާ އެހެނިހެން އިލްތިޒާމުތައް ވެސް މި ގަވާއިދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.


