ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުންވެސް މަޑުނުކޮށް ގޮސްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، ރޭ 19:10 އެހައިކަންހާއިރު ހިނގި މި ހާދިސާގެ ރިޕޯޓް ލިބުމުން ފުލުހުން ކުރި މަސައްކަތުން އެމީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައެވެ.
އަދި އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ލ.ކަލައިދޫ، ނެސްޓް, ޣުފްރާން ޚާލިދު (26އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.


