ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފިއެވެ.
އެމަނިކުފާނު މި ޖަލްސާއަށް ވަޑައިގެންނެވީ ޕީއެންސީން ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައިގެންނެވެ.
އެންމެ ގިނަ މަންދޫބުންނާއެކު ބާއްވާ ޕީއެންސީގެ ތާރީހީ ކޮންގްރެސް މިއަދު ފަށާފައިވާއިރު، މަތީ މަޖިލީސް ހުޅުވުމުގެ މި ހާއްސަ ޖަލްސާ މިރޭ ކުރިއަށްދަނީ ސޯޝަލް ސެންޓަރުގައެވެ. މިރޭގެ ޖަލްސާއަށް ކުރީގެ ރައީސް ނަޝީދު ވަޑައިގެންނެވުމުން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ސަލާމް ކުރައްވާފައެވެ.
އާންމުކޮށް ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ފެށުމުގެ ޖަލްސާތަކަށް އެހެން ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު އަރުވާ އުސޫލުން، މިރޭގެ ޖަލްސާއަށް ވެސް ދައުވަތު އަރުވާފައިވާއިރު، އެހެން ޕާޓީތަކުގެ ސިޔާސީ ލީޑަރުންގެ ތެރެއިން މިރޭގެ ޖަލްސާއަށް ވަޑައިގެންނެވި ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދެވެ.
ނަޝީދު ވަނީ މި ޖަލްސާގެ ކުރީ ސަފުން ޖާގަ ހޯއްދަވާފައެވެ.




