ގައިޑު ހަރަކާތުން ފަރުދީ އަދި އިޖްތިމާޢީ ޝަހުސިއްޔަތު ބިނާކޮށްދޭކަމަށް ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވިލިމާލޭގައި ބޭއްވި 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެ، އެތަކެއް ކަމެއް އުނގެނި ތަޖުރިބާތައް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި އެކަމަނާ ވަނީ ތަމްރީނު ފުރިހަމަ ކުރި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ގައިޑް ހަރަކާތުން ދަރިވަރުން މުސްތަޤުބަލަށް ބިނާކުރާ ގޮތުގެ މައްޗަށެވެ.
ރާއްޖޭގައި މި ހަރަކާތް ހިންގަމުންދާތާ 75 އަހަރުވުމަށް ކައިރިވެފައިވާއިރު، މިކަމުން ދައްކުވައިދެނީ ގައިޑް އުނގެނުމާއި ރަނގަޅު އަހުލާގަށް އަހުލުވެރިވުމަކީ ދިވެހިން އަބަދުވެސް އިސްކަންދޭ ސިފައެއްކަން ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި ގައިޑު ހަރަކާތަކީ ދަރިވަރުން ފަރުދީ ފެންވަރުގައި ބިނާކުރާ އަދި އެތަރުބީއްޔަތަށް އަހުލުވެރިކުރުވާ ހަރަކާތެއްކަން ފާހަގަކުރައްވައި، ސިއްޙަތައް އިސްކަންދީ، މުރާލިވެ ކުލުނު އުފައްދައި ޤައުމާއި ދީނުގެ އަގު އުގަންނައިދޭ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ. މި ހަރަކާތުގެ ތެރެއިން އުފެދޭ އަންހެން ފަރުދަކީ މުޖްތަމަޢުއަށް ބޭނުންތެރި ފަރުދަކަށް ވެގެންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ ގައިޑް ހަރަކާތުގެ ތެރެއިން މުޖްތަމަޢުޢަށް ބިނާވެ ނިކުންނަ ފަރުދުންނަކީ، ޤައުމީ ފެންވަރެއްގައި ބަލައިގަންނަ އަދި ޤައުމުގެ އެކިކަންކަމުގައި ނުފޫޒު ފޯރުވޭ ފަދަ ފަރާތްތަކަށް ވެގެންދާ ކަމަށެވެ. އަދި އަމިއްލަ ނަފްސު ތަރައްޤީކުރުމާއެކު މުޖުތަމަޢުއަށް ބޭނުންވާ އިންސާނިއްޔަތު ކަމުގެ ސިފަ އަށަގަންނަވާތީ، ދީނީ ވަގުތައް ފަރުވާތެރިވެ ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން ގައިޑުންނަކީ މަދަދުވެރި ޤައުމީ ޚިދުމަތްތެރިންކަމަށާއި ހަރުދަނާ ޚިދުމަތެއް ފޯރުކޮށްދޭ ބައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.


