އަންނަ އޮކްޓޯބަރު މަހު ތިލަފުށީގައި ޕޯޓް އޮޕަރޭޝަން ފެށުމުން ރޯދަމަހާއި ފަތުރުވެރިކަމުގެ ސީޒަނުގައި ދިމާވާ ތޮށްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ހުސެއިން ޝަފީޤް ވިދާޅުވެއްޖެއެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ތިލަފުށީގައި އޮޕަރޭޝަން ފެށުމަށް ބޭނުންވާ ކީވޯލް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މި މަސައްކަތުގެ ދަށުން މާލޭ ވިޔަފާރި ބަނދަރުގައި މިހާރު އޮންނަ 100 މީޓަރުގެ ކީވޯލްއެއް ނުވަތަ މަގުތުފާލަމާއި އެއްވަރުގެ މަގަތުފާލަމެއް ތިލަފުށީ ޕޯޓުގައި ފުރަތަމަ ތަރައްޤީކުރާނެއެވެ. އަދި އޮކްޓޯބަރގައި އޮޕަރޭޝަން ފެށުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރޭމެއްގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝަފީޤް ވިދާޅުވީ، މިވަގުތު މާލޭގައި ޕޯޓުގައި ބޯޓެއް ހުސް ކުރުމަށް 8 ދުވަސް ނަގާ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ކީވޯލްއަކީ 100 މީޓަރުގެ މަގަތުފާލަމެއް ކަމުން ޖާގައިގެ ދަތިކަމާއެކު އެތަނަށް އެއްފަހަރާ ގާތް ކުރެވެނީ އެންމެ ބޯޓެއް ކަމަށެވެ. މިކަމުގެ ސަބަބުން އިމްޕޯޓް އިތުރުވާ ދުވަސްވަރު ބަނދަރުގެ ތޮށްޖެހުމުގެ މައްސަލަ ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެމްޓީސީސީ ހަވާލުކޮށް ތަރައްޤީކުރާ މަގަތުފާލަން ބޭނުންކޮށް އޮަޕަރޭޝަން އޮކްޓޯބަރގައި ފަށަނީ މިކަމަށް ހައްލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”ތިލަފުށީގައި މި އޮޕަރޭޝަން ޖެއްސުނީމަ މާލެއިން މިކުރާ އޮޕަރޭޝަން ތިލަފުށީގައިވެސް ހިނގާނެ. މާލެއިން މިކުރެވޭ މަސައްކަތާއި އެއްވަރު މަސައްކަތެއް ހިންގާނެ. އަޅުގަނޑުމެން މި އޮޕަރޭޝަނަށް ތައްޔާރުވާ މައިގަނޑު އެއް ސަބަބަކީ ޓުއަރިޒަމް ސީޒަން މިފެށެނީ، ސީޒަން ދާން ވާއިރަށް، އަނެއްކާވެސް ރަމަޟާން މަސް ފެށެނީ. ކޮންމެ އަރަހަރެއްގެވެސް ސީޒަނަށް ރަމަޟާން މަހަށް އިމްޕޯޓް އިތުރުވޭ. އެހެންވީމަ ބަނދަރު ތޮށްޖެހިދާނެ ކަމަށް ބެލެވޭނީ އަޅުގަނޑުމެން މި އޮޕަރޭޝަން މަ ޖައްސަނީ.“ އެމްޕީއެލް ސީއީއޯ ހުސެއިން ޝަފީޤު ވިދާޅުވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 100 މީޓަރު މަގަތުފާލަން ބޭނުން ކުރާނީ ސާވިސް ކީއެއް ގޮތުގައި ޓަގާއި ބާޖަށް ހާއްސަކޮށްގެނެވެ. ނަމަވެސް ޕޯޓު ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދާއިރު ސީޒަނުގެ ކުރިން އޮަޕަރޭޝަން ފެށުމަށް މި މަގަތުފާލަން ބޭނުން ބޭނުން ކުރާނެކަމަށް ސީއީއޯ ޝަފީޤު ވިދާޅުވިއެވެ.


