ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމަށާއި، ރާއްޖޭގެ ފެހިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު ޕްރޮގްރާމެކެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 2،040،866 ގަސްވަނީ އިންދާފައެވެ. މި ޕްރޮގްރާމުގެ މުޅި ޖުމްލަ އަމާޒަކީ 5,859,394 ގަސް އިންދުން ކަމަށްވާއިރު، މަޝްރޫޢު އެއްކޮށް ފުރިހަމަކުރުމަށްޓަކައި ދެން އިތުރަށް އިންދަންޖެހެނީ 3،818،528 ގަހެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު މި ޕްރޮގްރާމު ކުރިއަށްގެންދަނީ ސަރުކާރު ކުންފުނިތަކާއި އެކި މުއައްސަސާތަކުގެ ބައިވެރިވުމާއި އެއްބާރުލުމާއެކުގައެވެ. މިއީ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް، އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ މި ޕްރޮގްރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް ކަނޑައަޅާފައެވެ.
މި ޕްރޮގްރާމުގެ ދަށުން އެކި ކުންފުނިތަކުން ގަސް އިންދާފައިވާ ނިސްބަތަށް ބަލާއިރު، އެންމެ ގިނަ ގަސް އިންދާފައިވަނީ ރޯޒްވުޑުންނެވެ. އެއީ ޖުމްލަ 1,478,244 ގަސް (25.2 އިންސައްތަ) އެވެ.
މީގެއިތުރުން އެޗްޑީސީން 1,002,856 ގަސް (17.1 އިންސައްތަ)، އެމްއޭސީއެލް އިން 1,000,000 ގަސް (17.1 އިންސައްތަ)، އަދި އެމްޓީސީސީން 1,000,000 ގަސް (17.1 އިންސައްތަ) ވަނީ އިންދާފައެވެ. އަދި އެސްޑީއެމް ފާމުން 750,000 ގަސް (12.8 އިންސައްތަ) އިންދާފައިވާއިރު، ސްޓެލްކޯ އިން ވަނީ 500,000 ގަސް (8.5 އިންސައްތަ) އިންދާފައެވެ.
މި ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ބޭނުންވާ ގަސްތައް އާލާކުރުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފައިވާއިރު، ހުޅުމާލޭގައި ’ގްރީން ނާސަރީއެއް‘ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.



