މާލޭގެ ހުޅަނގު ހާބަރު ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢަށް އެ ބިން ހުސްކުރުމުގެ ގޮތުން، އެތަނުގައި ހިންގަމުންދާ ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.
އެސްޓީއޯއިން އެތަނުގައި ހިނގާ ވިޔަފާރިތަކަށް ފޮނުވި ނޯޓިހުގައި ވިދާޅުވެފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭ ތާރީހުން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަންތަން ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
އަދި އެ މުއްދަތުގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލުވާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތް ނަމަ، އެ ފައިސާގެ ތަފުސީލާއި އެ ފައިސާ އަދާކުރަން ޖެހޭ ތާވަލު މި 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި ހުރި ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަ ތަންތަން ނެގުމަށްފަހު، އެތަނުގައި ފުޑް ހަޓްތަކެއް ޤާއިމުކޮށް، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެސްޓީއޯއާއި ހަވާލުކޮށްފައިވަނީ 13 ޖަނަވަރީ 2016 ގައެވެ.
ޖުމްލަ 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެސްޓީއޯއިން ތަރައްގީކުރި މި ފުޑްކޯޓުތަކަކީ 2018 ވަނަ އަހަރުގެ މޭ މަހު ހިދުމަތް ދޭން ފަށައި، އެ އަހަރުގެ ޖުލައި 23 ގައި ރަސްމީކޮށް ހުޅުވި ތަނެކެވެ.
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގައި ޖުމްލަ 26 ފުޑްކޯޓް ތަރައްޤީކޮށް ހިންގަމުންދާއިރު، މި ފުޑްކޯޓުތަކުގައި 1260 އަކަފޫޓާއި، 960 އަކަފޫޓުގެ އިތުރުން 60 އަކަފޫޓުގެ ތަންތަން ހިމެނެއެވެ.



