ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހުމާއި ރޯގާ އަދި ބޭރަށްހިންގުން ފެތުރެމުންދާތީ، އާންމު ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
އެ އެޖެންސީން ފާހަގަކުރި ގޮތުގައި މި ދުވަސްވަރަކީ މިފަދަ ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެކެވެ.
އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރަކީ ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ދަތުރުފަތުރު ކުރުމުގެ އިތުރުން ގޭގެއަށް ޒިޔާރަތްކުރުން ފަދަ ކަންކަން އިތުރުވާނެ ދުވަސްވަރެއް ކަމަށްވާތީ، ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ފިޔަވަޅުތައް އެޅުން ވަރަށް މުހިންމެވެ.
ރޯގާއާއި ހުމުން ސަލާމަތްވުމަށްޓަކައި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށް ވަނީ އަންގާފައެވެ. އަދި ރޯގާގެ އަލާމާތެއް ހުރިނަމަ ރަނގަޅަށް މާސްކު އެޅުމަށާއި، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، އެފަދަ ތަންތަނުގައި ގައިދުރުކަން ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުގެންދިއުމަށާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށާއި، ޕެރެސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އަދި ހުންއައިސްގެން ތިން ދުވަހަށްވުރެ ގިނަދުވަސް ވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ބޭރަށްހިންގުމުން ރައްކާތެރިވުމަށްޓަކައި ސާފު ބޯފެން ބޭނުންކުރުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ކެއުމުގެ އިތުރުން ރޯކޮށް ކާ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް އެޖެންސީން އިލްތިމާސްކުރެއެވެ.
ބޭރަށްހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ދިޔާއެއްޗެހި، ޚާއްސަކޮށް ލޮނުޕެކެޓް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ހާލަތްތަކުގައާއި މާބޮޑަށް ވަރުދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.



