މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު 2033 ވަނަ އަހަރުގެ ކުރިން މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށާއި، އެ ސިނާޢަތް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ނަގައި ކޮޅަށް ޖެހުމުގައި މި ސަރުކާރުގެ ސިޔާސަތު އިތުރަށް ވަރުގަދަކޮށް، މި ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ހަވާލުވީއިރު މަސްވެރިން އަތުން މަސްގަތުމަށްފަހު ނުދައްކައި 250 މިލިޔަނެއްހާ ރުފިޔާ އޮތެވެ. ނަމަވެސް އެ ފައިސާ ދައްކައި ޚަލާސްކޮށް، މި ސަރުކާރުން މަސްވެރިންނަށް މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިހާރު މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށާއި، ވަޢުދުވި ރޭޓުކަމަށްވާ 20 ރުފިޔާގެ ރޭޓަށްވުރެ މައްޗަށްވެސް ބައެއް ދުވަސްދުވަހު ފައިސާ ދޫކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
”މަސްވެރިކަމުގެ އުފެއްދުން އެކްސްޕޯޓް ކުރެވޭ ނިސްބަތް އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ މިހާރު އެކްސްޕޯޓްކުރެވޭ އަދަދަށްވުރެ ތިންގުނައަށްވުރެ ބޮޑަށް 2033 ހާ ހަމައަށް ދާންވާއިރަށް އިރާދަކުރެއްވިއްޔާމުން ތިން ގުނައަށްވުރެ ބޮޑަށް ރާއްޖޭން އެކްސްޕޯޓްކުރެވޭ ހިސާބަށް އަޅުގަނޑުމެން މި ސިނާޢަތް ފުޅާކޮށްދޭނަން.“ ރައީސް ވިދާޅުވިއެވެ.
ދިވެހި މަސްވެރިކަމުގެ ދާއިރާ ޒަމާނާ އެއްގޮތަށް ބައްޓަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ސަރުކާރުގެ މައި މަސް ކުންފުނި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، މަސްވެރިންނަށް ފަސޭހައިން ތެލާއި އައިސް ލިބޭނެ އިންތިޒާމް އަތޮޅުތަކުގައި ޤާއިމުކުރުމަށް ގިނަ މަޝްރޫޢުތަކެއް މި ވަގުތުވެސް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.



