ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، މި ހާލަތު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް %33.33 ގެ އިތުރުވުމެކެވެ.
މީގެ ތެރޭގައި ކާޑުތަކުގެ މުއާމަލާތްތަކަށް މަހަކު 38 މިލިއަން ޑޮލަރު އަދި ޓީޓީތަކަށް މަހަކު 27 މިލިއަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް މަހަކު 9.4 މިލިއަން އަދި ޞިއްޙީ، ތަޢުލީމީ ބޭނުންތަކަށް މަހަކު 7.3 މިލިއަން ޑޮލަރު ހޭދަވެފައިވެއެވެ.
ބީއެމްްއެލްއިން ބުނީ، ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާ އަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އަދި ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން، މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް މިހާރު ވަނީ އެހީތެރިވެދީފައެވެ.
މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބޭންކުން ބުންޏެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެ ކަމަށާއި، ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައްކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަންދިނުމަށް ކަމަށް ބުނެފައިވެއެވެ.



