ކުރީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮަށް، ފާއިތުވި ސަރުކާރުން ވެފައިވާ އިހުމާލުތައް ބެލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލައްވައިފިއެވެ.
އަޅުގަނޑު ގޮވާލަން މި މަޖިލީހުގެ ކަމާގުޅެ ކޮމިޓީތަކަށް، ގެނެސްގެން އެކަން ބަލާ ތަހުގީގުކޮށް އަދި އަޅުގަނޑަށް ހީވަނީ ޖިނާއީ ތަހުގީގު ކުރެވޭ ލެވެލްއަށް ވެސް ކަންކަން ހިނގާފައެބަހުރި.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދެކަމެއް ފާހަގަކުރެއްވި ކަމަށެވެ.
ފުރަތަމަ ކަމަކީ އައްޑޫ ފެނުގެ މައްސަލައިގައި އިހުމާލުވަނީ ކޮންބައެއްތޯ ކަން ކަމަށާ އެކަމުގެ ފުރިހަމަ އިހުމާލު އަދި ރެސްޕޮންސިބިލިޓީ އުފުލަން ޖެހޭނީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ.
އަޅުގަނޑުމެންގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ދަރަންޏަކީ ހަތަރު ބިލިއަން ރުފިޔާ. ފެނަކައިގެ ރިޕެއާ އަދި މެއިންޓެނެންސަށް ޚަރަދުކުރަން ހުރި ބޮޑުބައި ހޭދަ ކޮަށްފައިވަނީ އެހެން ކަންކަމަށް.
އަޒާން ވިދާޅުވީ އައްޑޫ ސިޓީއަށް ބަލާއިރުފެނުގެ ނިޒާމު އެއްގޮތަކަށް ވެސް ފާއިތު ސަރުކާރުން ބަލަހައްޓާފައި ނުވާ ކަމަށެވެ.
އަދި ނަރުދަމާގެ ނިޒާމް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ބޭރުގެ ކުންފުންޏަށް ފައިސާ ނުދައްކާތާ ދެއަހަރު ވެފައިވާކަން ވެސް އަޒާން ހާމަކުރެއްވިއެވެ.
އަދި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ، ކުޑަ ދުވަސްކޮޅެއްގެތެރޭގައި ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އާ ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށް އަޒާން ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ މި ޕްރޮޖެކްޓު ނިމުމާއެކެ އައްޑަުގެ ފެން އުފައްދާ ކެޕޭސިޓީ ހަތަރު ގުނަ އިތުރުވެގެންދާނެ ކަމަށެވެ. އަދި ސްޓޯރޭޖް ކެޕޭސިޓީ ދިހަ ގުނަ އިތުރުވެގެން ދާނެ ކަމަށެވެ.



