ރެދަންލުމަށް މަޝްހޫރު އަދި އެކަމުގެ ދިގު ތާރީޚެއް އޮތް ރ. ވާދޫގެ ގޮނޑުދޮށުން، އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ރެދަނުގެ ހިތްގައިމު މަންޒަރު ފެންނަން ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ އެ ރަށުގެ ގޮނޑުދޮށުގައި ރެދަން ލާ ދުވަސްވަރަށް ވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ގޮނޑުދޮށް ދިއްލާލާ މި ހިތްގައިމު ގުދުރަތީ މަންޒަރުގެ ސަބަބުން ވާދޫ ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.
ގޫގުލްއިން ”ސީ އޮފް ސްޓާރސް“ގެ ގޮތުގައި ލޭބަލްކޮށްފައިވާ ވާދޫގެ މި މަންޒަރު ބަލައިލުމަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލްތަކުން ވެސް އެރަށަށް ދެއެވެ. އެގޮތުން މީގެ 12 އަހަރު ކުރިން ނޭޝަނަލް ޖިއޯގްރަފިކުން މިކަމާ ގުޅޭ ޑޮކިއުމެންޓްރީއެއް ދައްކާފައިވާއިރު، ބީބީސީ އާއި ސީއެންއެން ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް މި ހިތްގައިމު މަންޒަރު ވަނީ ދުނިޔޭގެ ސަމާލުކަމަށް ގެނެސްދީފައެވެ.
ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. މިއީ ވަކި މޫސުމެއްގައި މޫދުގައި ގިނަވާ ސުއިއްޕެކެވެ. ރާއްޖޭގެ ކަނޑުތަކުން ކަޅުފޮއި ރޭރޭ ރެދަން ފެނުނު ނަމަވެސް، ވާދޫ ގޮނޑުދޮށުން ފެންނަ ރެދަނާއި އާންމުކޮށް ފެންނަ ރެދަނުގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ. އާންމުކޮށް މި ފެންނަ ރެދަން ސިކުންތެއް ނޫނީ ދޮޅު ސިކުންތެއް ތެރޭ ގެއްލޭ ނަމަވެސް، ވާދޫ ގޮނޑުދޮށުން ފެންނަ ރެދަން ދެ މިނެޓް ވަންދެން ވެސް ދިއްލިފައި ހުރެއެވެ.
ވާދޫ ވަށައިގެންވާ ގޮނޑުދޮށުގެ އެކި ސަރަހައްދުތަކުން ރެދަން ފެންނައިރު، ހުޅަނގު ފަރާތުގެ އިތުރުން ރަށުގެ އިރުމަތީ ފަރާތުން ވެސް ވަރަށް ރީތިކޮށް މި މަންޒަރު ފެނެއެވެ. އިރުއޮއްސުމާއެކު ރާޅުފަށުގައި ނޫކުލައިގެ އަލިކަން ވިދަވިދާ ހުންނައިރު، މި އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގައެވެ.
އެތައް މިލިއަން ސޫފިތަކެއްގެ ސަބަބުން ވާދޫގެ ރާޅުޖަހާ ފަށް އަބަދުވެސް އޮންނަނީ ނޫ ކުލައިން ވިދާ ބަބުޅާލައިފައެވެ.



