އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ ”ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް“ ލ. އަތޮޅުގައި ފަށައިފިއެވެ.
މި މަހުގެ 20 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ސެޝަންގައި 30 ބައިވެރިން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ މެންބަރު އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވިދާޅުވީ، މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުން މުހިންމު އަދި އަގުހުރި ދައުރެއް އަދާކުރާ ކަމަށެވެ. އަދި މި ފަސް ދުވަހުގެ ތަމްރީނުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޗްއާރްސީއެމުން ހާމަކުރި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެ ކޮމިޝަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، ކޮމިޝަނުގެ ”ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ“ އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް އެކުލަވާލާފައިވާ ”ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް“ ގެ މައްޗަށް ބިނާކޮށެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކަށް އަމާޒުކޮށްގެން މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވިސިލް ބްލޯވަރ ޤާނޫނަށާއި، ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ތަމްރީންތަކުގެ އިތުރުން، ފުލުހުންނަށް އަމާޒުކޮށްގެން އެންޓި ޓޯޗަރ ސެޝަންތަކާއި، އަންހެނުންނާއި ޖަމްއިއްޔާތަކަށް ހާއްސަ ސެޝަންތައް ހިމެނެއެވެ.
މީގެއިތުރުން، އެޗްއާރްސީއެމްގެ ދެ ޓީމަކުން ލ. އަތޮޅުގެ މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް އަދި މުންޑޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކުގައި ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި އެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ފުޅާދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.



