ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހަމަޖައްސައިފިއެވެ.
އެ މަގާމަށް ސަލީމް އިންތިޚާބުކޮށްފައި ވަނީ މިއަދު ބޭއްވި 241 ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެ ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިހާބުކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެެންސީ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހެވެ.
މުގައްރިރު ކަމަށް ސަލީމް އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެވެ.
ސަލީމް މިފަހަރު މަޖިލީހަށް އިންތިޚާބު ވެފައި ވަނީ ތިން ވަނަ ދައުރަކަށެވެ. ސަލީމަކީ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މެންބަރުކަން ކުރައްވާފައިވާ އެއް މެންބަރެވެ.
241 ކޮމިޓީގައި ތިއްބަވާ މެންބަރުން
- އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (މުގައްރިރު)
- އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް (ނައިބު މުގައްރިރު)
- ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
- ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
- ކުރެންދޫ ދާއިރާގެ މެންބަރު ޝާމިން ހަބީބް
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު
މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން ކޮމިޓީތަކަށް ވެސް މުގައްރިރުންނާއި ނައިބު މުގައްރިރުން ހަމަޖައްސަވާފަ އެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އިގުތިޞާދީ ކޮމިޓިގެ މުގައްރިރު ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގެ މުގައްރިރަކަށް އިބްރާހިމް ޝުޖާއު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރަކަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ ހަމަޖައްސާފަ އެވެ.



