ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުން ލީޑަރުންނަށްވުމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ހިތްވަރު ދެއްވައިފިއެވެ.
މިނިސްޓަރު މިގޮތަށް ހިތްވަރު ދެއްވާފައިވަނީ މިއަހަރުގެ ”ވުމެން އިން ޕޮލިސިންގ ޑޭ“ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު އިޙްސާންގެ އިތުރުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން އޮފިސަރުންނާއި، ސިވިލް މުވައްޒަފުންގެ އިތުރުން ސްޕެޝަލް ކޮންސްޓެބިއުލަރީގައި ޚިދުމަތްކުރައްވާ ފުލުހުން ބައިވެރިވިއެވެ. އަދި މި ދުވަސް ފާހަގަކުރުމަށް އެހީތެރިވި ފަރާތްތަކަށް ވުމެން އިން ޕޮލިސިންގގެ ފަރާތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ.
ރަސްމިއްޔާތުގެ ބައިވެރިންނަށް ހިތްވަރު ދެއްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ލީޑަރަކަށް ވުމަށްޓަކައި ވަކި މަޤާމެއް އޮތުން މުހިންމު ނޫން ކަމަށެވެ. އަދި އެމީހެއްގެ ކިބައިގައި ލީޑަރެއްގެ ސިފަތައް އަށަގަންނަވައިފިނަމަ، އެމީހަކީ މަސައްކަތުގެ މާހައުލުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލީޑަރުންނަކީ އަމިއްލަ ޤާބިލުކަމާއި ނަފްސަށް އޮންނަ އިތުބާރާއެކު އިސްނެގުން ކުރިއަށް ނެރޭނެ ބައެކެވެ. އަދި އެކުގައި މަސައްކަތްކުރާ އެންމެންނާ ގުޅިގެން މަސައްކަތްކުރުމާއި، ކަންކަމުގައި އަމިއްލަ ނަޒަރިއްޔާތު ހިއްސާކުރުމުގެ އިތުރުން، އަމިއްލައަށް ހައްލުކުރެވޭނެ މައްސަލަތައް އިސްވެ ހައްލުކުރުމުގެ ސަޤާފަތެއް ބިނާކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ހަޤީޤީ ލީޑަރުންނަކީ ތިމާގެ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިތްވަރުގަދަ ބައެއްކަން ފާހަގަކުރައްވައި، އެފަދަ ބަޔަކަށް ވުމަށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހެވެ. މިއީ މި ދުވަސް ފާހަގަކުރާ 4 ވަނަ އަހަރެވެ.
ފުލުހުންގެ ޚިދުމަތުގައި މިވަގުތު 1300 އަށްވުރެ ގިނަ އަންހެނުން މަސައްކަތްކުރަމުންދާއިރު، މިއީ އެ މުއައްސަސާގެ 20 އިންސައްތައަށްވުރެ ބޮޑު ޢަދަދެކެވެ.




