ރަސްމާލޭގައި ވޯޓަރފްރަންޓެއް ތަރައްޤީ ކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށާއި ނަމަވެސް މިވަގުތު ރާއްޖެއަށް މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ނުވަތަ ޕްރައިވަޓައިޒް ކުރުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރަސްމާލޭގައި ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ހިންގުމަށް ޔޫއޭއީގެ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ’އީގަލް ހިލްސް‘ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޕްރައިވަޓައިޒް ކުރުމަކީ ނުވަތަ ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ރަސްމާލެ ފަދަ މަޝްރޫޢުތަކަކީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަނަމަަވެސް އެތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެ. މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލެ ތަރައްޤީ ކުރަނީ މި ސަރުކާރުގެ ހަލާލް ޓޫރިޒަމްގެ މިންގަނޑަށްތޯ ނުވަތަ މިހާރުވެސް ރާއްޖޭގެ ރިސޯޓްތަކުގައި ވިއްކާ ރަލާއި އޫރުމަސް ވިއްކޭގޮތަށްތޯ ސުވާލު ކުރައްވައި ވެސް ރައީސް ނަޝީދު ވަނީ ޕޯސްޓެއް ކުރައްވާފައެވެ.
އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ މި މިކްސްޑް-ޔޫސް މަޝްރޫޢަކީ 12 އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަގުހުރި އިންވެސްޓްމަންޓެކެވެ.
މި މަޝްރޫޢަށް ރަސްމާލެއިން 550 ހެކްޓަރުގެ ބިން ކަނޑައަޅާފައިވާއިރު، މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި، ޕްރީމިއަމް ރެސިޑެންސްތަކުގެ އިތުރުން ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭ ގޮތަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.



