މީސް މީޑިއާގައި ދައުރުވަމުން ދަނީ، ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖްރާއަތްތައް ފުރިހަމަކުރުމަށް ފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ގެންދިޔަ މަންޒަރުކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ޓޯ ކޮށްފައިވާ ސައިކަލުތަކެއް ޓްރަކަކުން އަރުވައިގެން ގެންގޮސް، ޓޯޔާޑަށް ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީސް މިޑިއާގައި ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ، ޓޯކޮށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވާ ސަބަބުން ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖްރާއަތްތައް ފުރިހަމަކުރުމަށް ފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތައް ކަމަށެވެ.
އަދި ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް، ހުޅުމާލެ ފޭސް ދޭއްއިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްކުރަމުންދިޔަ މަންޒަރު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.



