ހައްޖު މޫސުން މިހާރު ފެށިފައިވާއިރު، ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންވެސް މިހާރު ވަނީ ހައްޖަށް ފުރަން ފަށާފަ އެވެ. މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ފުރާ އިރު، ހައްޖާޖީންގެ ކަންކަން އިންތިޒާމުކުރުމަށް ކަމާއި ގުޅޭ ހުރިހައި ވުޒާރާތަކާއި، އިދާރާތަކާއި ކުންފުނިތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ހައްޖާޖީން ފުރުމުގެ އިންތިޒާމު ތަރުތީބުކުރެވިފައިވާ ގޮތް ފުރިހަމަކަން މިދިޔަ ހުކުރުދުވަހާއި މިއަދު ފެނިގެން ހިނގައްޖެއެވެ.

އެންމެ ފާހަނގަ ކުރެވުނު އެއްކަމަކީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް) އިން މިކަމަށް ތައްޔާރުވެފައިވާ މިންވަރެވެ. އެމްއޭސީއެލް އިން ވަނީ ހައްޖުވެރިންނަށް އަމާޒުކޮށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. ކަންދިމާކުރި ގޮތުން ހައްޖާޖީންގެ ފުރަތަމަ ބެޗު ފުރާ ދުވަސް ދިމާވީ ހުކުރު ދުވަހާއެވެ. އެހެންކަމުން ހައްޖާޖީންނަށް އެއާޕޯޓުގައި ހުކުރުނަމާދު ޖަމާއަތުގައި ކުރެވޭނެ އިންތިޒާމު އެމްއޭސީއެލް އިންހަމަޖައްސައިދިނެވެ.

އިތުރު އިންތިޒާމުތަކަށް ބަލާލާއިރު، ޙައްޖުވެރިންގެ ޗެކިންގ އަދި ބެގޭޖް ކްލިއަރެންސް އެއްދުވަސް ކުރިން ހެދެނޭ އިންތިޒާމް އެމްއޭސީއެލްއިން ވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުވެރިން ޓަރމިނަލަށް ވަނުމަށް ޚާއްސަ ގޭޓެއްވަނީ ހަމަޖައްސާފަ އެވެ. މި އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، އެއާޕޯޓްގެ އިސްވެރިންވެސް ހައްޖުވެރިން ފުރި ދެެދުވަހުވެސް ހައްޖަށް ފުރާ މީހުންނަށް މަރުހަބާ ކިޔައި، އަދި އެމީހުންނާއި ބައްދަލުކޮށް ހަދައެވެ. އަދި، ކަންކަން އިންތިޒާމުކޮށްފައިވާ ގޮތް ގާތުން ބަލައެވެ. އެހެންކަމުން، މިދިޔަ ހުކުރު ދުވަހު ފުރަތަމަ ބެޗު އަދި މިއަދު ދެވަނަ ބެޗު ހައްޖަށް ފުރި އިރުވެސް ހުރިހައި އިންތިޒާމުތަކެއް ދިޔައީ ވަރަށް އޮމާންކަމާއެކުގަ އެވެ. ހައްޖުވެރިން ފުރުވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭ.ސީއެލްގެ އެކި ޑިޕާޓްމެންޓްތައް ގުޅިގެންނެވެ.

އެމް.އޭ.ސީ.އެލްގެ އިލްތިމާސް އަކީ ޙައްޖުވެރިން ފުރާ ވަގުތުތަކުގައި އެހެން އެއަރލައިންތަކުން ފުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން ވީހާވެސް އަވަހަށް ޗެކިންގ ކޮށް ނިންމުމެވެ. އަދި މިވަގުތުތަކުގައި އެއަރޕޯޓުގެ ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުން ޙައްޖުވެރިން ފުރުވުމަށް އެއާޕޯޓަށްދާ ފަރާތްތަކުންވެސް، އެމްއޭސީއެލްގެ ސެކިއުރިޓީ އަދި ޓަރމިނަލް މުވައްޒަފުންގެ އިރުޝާދާއި އެއްގޮތައް އަމަލު ކުރެއްވުމަށްވެސް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައި ވެއެވެ.
މިއަހަރު ހައްޖާޖީން ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރަނީ ސައުދީ އެއަރލައިނުންނެވެ. ޖުމްލަ 4 ފްލައިޓެއްގައި 1150 ހައްޖާޖިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބެޗާއި ދެވަނަ ބެޗުގެ މީހުން މިހާރުވަނީ ފުރާފަ އެވެ. އަނެއް ދެ ފްލައިޓް ތާވަލުކޮށްފައިވަނީ 7 ޖޫން އަދި 10 ޖޫން އަށެވެ. މީގެ ތެރެއިން 7 ޖޫން އަކީ ހުކުރު ދުވަހަކަށް ވުމާއިއެކު ހައްޖާޖީންނަށް އެދުވަހު އެއާޕޯޓުގައި ހުކުރު ކުރުމުގެ އިންތިޒާމްތައްވެސް ހަަމަޖެހިފައިވާނެކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.



