ވޭތުވެދިޔަ 48 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ސަޢުދީ ޢަރަބިއްޔާއިން 488 މިލިޔަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ޙަސަން އަލް ޤަހްތާނީ ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހާ ގުޅުވައިގެން ސަފީރު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، 1978 ވަނަ އަހަރުން ފެށިގެން އެ ޤައުމުން ދަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތްތަކާއި، ފެނާއި ނަރުދަމާގެ އިތުރުން ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް ސަޢުދީން ބޮޑެތި އެހީތަކެއް ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އިސްލާމީ ކަންކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން ތަރައްޤީއާއި، ފަތުރުވެރިކަމާއި، ތަޢުލީމީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސަޢުދީން ޝައުޤުވެރިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން ދެމެހެއްޓުމަށް ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި، ޝާހީ ޢާއިލާއަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ޒަމާނުއްސުރެ ސައުދީ އަރަބިއްޔާއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.



