ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026ގައި ބައިވެރި ކުރުމަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރ ކޮށްފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މަޢުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރކުރި އުފެއްދުންތަކާ އަޅައިބަލާއިރު 2000 އަށްވުރެ އިތުރު އަދަދެކެވެ.
ބީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި އަހަރުގެ މަޢުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މިއަހަރުގެ މަޢުރަޒުގައި 6000 އަށްވުރެ ގިނަ އުފެއްދުން ބައިވެރިކުރުމަށް ރަޖިސްޓަރ ކޮށްފައިވުމަކީ މަޢުރަޒަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތަކާއި، ޚިދުމަތްތަކުގެ އިތުރުން އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނި، ޚިދުމަތް ހޯދާ ފަރާތްތަކާއި އެހެނިހެން ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މަޢުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރ ކޮށްފައިވާ އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމުގެ ފުރުޞަތު މި ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން، އެންމެ ފަހު ދުވަހަށް މަޑުނުކޮށް އުފެއްދުންތަކުގެ ތަފްސީލް އަވަހަށް ހުށަހެޅުމަށް ބީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޢުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން ނޮވެމްބަރ 2 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މަޢުރަޒު ކުރިއަށްދާ މުއްދަތުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ އެކި ހަރަކާތްތަކާއި، ބޮޑުބެރާއި ދިވެހި ސަޤާފީ އެކި ކުޅިވަރުތައް ވެސް ކުރިއަށްދާނެއެވެ.
2026 ވަނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވުމާއެކު، ބީސީސީގެ މައިގަނޑު އަމާޒަކީ ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި މާކެޓްކުރުމަށް އެންމެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.



