ސިފައިންގެ 74ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިކަމަށްޓަކައި ސެޕްޓެންބަރު 24ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނާއި އަދި މުދައްރިބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ކޮމާންޑިންގ އޮފިސަރުގެ ވާހަކަފުޅުގައި ސިފަވަންތަ ހަރުދަނާ ސިފައިންގެމީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލުތިމާސްކުރެއްވިއެވެ. މީގެ އިތުރުން މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ އެ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ނާއިފްއެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކޯހުގެ ކޮމްޕެނީ ކޮމާންޑަރ، މޭޖަރ ނާމިލް ޢަބްދުލް ޣަފޫރެވެ.
74ވަނަ އަސާސީ ތަމްރީނު ކޯހުގައި 156 ދަރިވަރުން ހިމެނޭ އިރު އޭގެތެރޭގައި 24 އަންހެން ދަރިވަރުން ވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމާއި، އެ އޭރިއާ ކޮމާންޑުގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ޖުނައިދުގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.




