ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވެ، ފަރުވާދެމުން ދަނިކޮށް ނިޔާވި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު ޢާއިޝަތު މާހިދާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ނިޔާވި ށ. ފޯކައިދޫ މަގުމަތީގެ، އުމުރުން 26 އަހަރުގެ މާހިދާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އޭނާއަށް އަނިޔާވީ މި މަހުގެ 20 ވަނަ ދުވަހުގެ ދަންވަރު ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައެވެ.
ރައީސް އެކްސްގައު ކުރެއްވި ޕޯސްޓެއްގައި ވަނީ، މަރްޙޫމާގެ ޢާއިލާއަށާއި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ތަޢުޒިޔާ އަދާކުރައްވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.
މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ދަންވަރު 01:12 ހާއިރުއެވެ. މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ނިޔާވި އަންހެން މީހާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނެވެ. އަނިޔާވި މި ދެ ފިރިހެނުންނަށް މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓުގައި ބައިވެރިވި އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ނޫނެވެ.



